ލޯންޗު ބަންޑުން ޖަހާލީއެއް ނޫން، މަސްތުވެގެން އިން މަހުޖަނު ބާރަށް ދުއްވަނިކޮށް މީހުން ކަނޑަށް ވެއްޓުނީ: ކައުންސިލް
ސަން
21 މާރިޗު 2026 | ހޮނިހިރު | 4:24
ވ. ފެލިދޫ ކައިރީ ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗު ބަންޑުން ޖަހާލީ ނޫން ކަމަށާއި، އެއީ އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ގޯތަމް ސިންހާނިއާ މަސްތުގައި ހުރެގެން ބާރު ސްޕީޑުގައި ލޯންޗު ދުއްވަނިކޮށް ބަޔަކު ކަނޑަށް ވެއްޓިގެން ހިނގި ހާދިސާއެއް ކަމަށް، ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ މިއަދު ތުހުމަތުކުރައްވައިފިއެވެ.
ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނީ، އެ ލޯންޗުގައި އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި ކަމަށެވެ. އޭގެ ތެރެއިން ފަސް މީހުން ވިއްސައިގެން ގޮސް މޫދަށް ވެއްޓުނުއިރު، އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.