ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރުކުރުމަށް ޓަކައި އާ ދެ ވިސާއެއް ތައާރަފުކުރަނީ
ސަން
22 މާރިޗު 2026 | އާދިއްތަ | 6:46
އެމެރިކާ-އީރާން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރުކުރުމަށް ޓަކައި އާ ދެ ވިސާއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން އުފައްދައިފައިބާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިން ގައުމުގައި ހޭދަކުރާ ދުވަސްތައް އިތުރުކުރުމަށް ޓަކައި، މިހާރު ދެމުންދާ 30 ދުވަހުގެ އޮން-އެރައިވަލް ވިސާގެ މުއްދަތު އިތުރުކުރެވޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ތިބެގެން ވަޒީފާގެ މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް "ރިމޯޓް ވޯކިން ވިސާ" އާއި، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ "ކޮންޓެންޓް ކްރިއޭޓާ" ވިސާއެއް ތައާރަފުކުރުމުގެ ޕްލޭން މިނިސްޓަރު ހާމަކުރެއްވިއެވެ.