ޚަރަދު ކުޑަކުރަން މަޝްރޫއުތައް ދަންމާލުން ފަދަ ފިޔަވަޅު އެޅޭނެ، ނަމަވެސް ދަރަނި ވެސް ނަގަން ޖެހޭނެ: ޒަމީރު
ސަން
22 މާރިޗު 2026 | އާދިއްތަ | 10:31
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސަރުކާރުން ޚަރަދު ކުޑަކުރަން މަޝްރޫއުތައް ދަންމާލުން ފަދަ ފިޔަވަޅު އަޅަން ވިސްނާފައި އޮތް ކަމަށާއި، އެފަދަ ފިޔަވަޅުތަކާއެކު ވެސް، ދަރަނި ވެސް ނަގަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ޒަމީރު ވިދާޅުވީ މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފައާއި އިރުޝާދު ހޯދާ ކަމަށާއި އެގޮތުން ރައީސް ވިދާޅުވެފައި ވަނީ، ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ކަންތައްތައް ރާވަން ކަމަށެވެ. އޭގެ ތެރޭގައި ބޭހާއި، ކާޑާއި، ތެލާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ފައިސާގެ ކަންކަން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒަމީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ލިބޭނެ ގެއްލުން ސަރުކާރުން އަންދާޒާ ކުރަމުންދާ ކަމަށާއި އެގޮތުން މިހާރު ލަފާކޮށްފައިވަނީ، ގާތްގަނޑަކަށް އެއް މަސް ދުވަހަށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ 85 މިލިއަނާއި 90 މިލިއަނާ ދެމެދުގެ ގެއްލުމެއްވާނެ ކަމަށެވެ.