ދުނިޔޭގެ ޓީބީ ދުވަސް: "ރާއްޖެއަކީ ޓީބީ މަދު، ފަރުވާ ހަރުދަނާ ގައުމެއް"
ސަން
24 މާރިޗު 2026 | އަންގާރަ | 1:01
ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން، ދިވެހިރާއްޖެ ޓީބީ ބަލި މަދު ގައުމެއްގެ ގޮތުގައި ދެމިއޮތްކަމީ ފަޚުރުވެރިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާކުރެވޭ ބައްޔެއް ނަމަވެސް، މުޅި ދުނިޔޭގައި އަދިވެސް އެތައް މިލިއަން ބަޔަކަށް މި ބަލީގެ އަސަރުކުރަމުންދާ ކަމަށެވެ. އެހެންކަމުން، ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، އަވަސް ޓެސްޓުތަކާއި ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް ބޭނުންވާ އަޅާލުން ކަށަވަރުކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2024 ވަނަ އަހަރު ރާއްޖެއިން ރިޕޯޓުކޮށްފައިވަނީ ޓީބީގެ 148 ކޭހެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އަމާޒާ އެއްގޮތަށް، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒު ހިފާފައިވާއިރު، ސިއްހީ އިދާރާތަކުން ބުނާގޮތުގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށުން މިހާރު ވަނީ މި ބަލި މުޅިން ނައްތާލެވިފައެވެ.