މި އަހަރުގެ ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ މައުރަޒުތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
ސަން
24 މާރިޗު 2026 | އަންގާރަ | 7:53
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މުހިންމު މާކެޓްތަކުގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ މައުރަޒުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދިވެހި ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ން ފުރުސަތު ހުޅުވާލައިފިއެވެ.
ވީއެމްސީން ބުނީ، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެދާނެ އަސަރުތައް ދެނެގަނެ، އެ ކަންކަމަށް ދުރާލާ ތައްޔާރުވުމަށް ވިޒިޓް މޯލްޑިވްސްއިން މުހިންމު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ހިމާޔަތްކޮށް ވަރުގަދަ ކުރުމަށް ޓަކައި އަޅަން ޖެހޭ ސްޓްރެޓީޖިކް ފިޔަވަޅުތައް އެޅުމަށާއި، އެ ބަދަލުތަކާ ގުޅިގެން ސިނާއަތުގެ ބައިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވީއެމްސީން ބުނީ، އެ މަސައްކަތްތަކުގެ ތެރެއިން، ބައިނަލްއަގުވާމީ މާކެޓްތަކުގެ އިތުރު މައުރަޒުތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އެ ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި މާކެޓްތައް ސިންދަފާތު ކުރުންކަން ވީއެމްސީން ފާހަގަކުރިއެވެ.