ޖެނީވާގައި ރާއްޖެއިން އީރާނު އެކަނި ކުށްވެރިކޮށް، އިސްރޭލާއި އެމެރިކާގެ ވާހަކަ ނުދެއްކުމުން ނުރުހުން
ސަން
25 މާރިޗު 2026 | ބުދަ | 9:04
ސުވިޒަލޭންޑުގެ ޖެނީވާގައި، ރާއްޖެއިން ދިން ބަޔާނުގައި، ހަމައެކަނި ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއީލާއި އެމެރިކާގެ އަމަލުތައް ކުށްވެރިނުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ 44 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހުރޭން، ކުވެއިތު، އޮމާން އަދި އުރުދުންއަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކާ މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، "ހިއުމަން ރައިޓްސް އިމްޕްލިކޭޝަންސް އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އީރާންސް އަންޕްރޮވޯކްޑް އެޓޭކްސް އެގެއިންސްޓް ބަހުރޭން، ކުވެއިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔޫނައިޓެޑް އަރަބް އެމިރޭޓްސް އެންޑް ޖޯޑަން" ގެ ނަމުގައި ހުށަހެޅި ގަރާރުގައި ރާއްޖެއިން ވަނީ ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފައެވެ.