އަދުގެ ހާލަތަށް ބަލާއިރު، ރާއްޖޭގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ރަނގަޅެއްނޫން، ފައިދާވާނީ ވެރިންނަށް: ޑރ. ޙަސަން ޙަމީދު
ސަން
25 މާރިޗު 2026 | ބުދަ | 9:53
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، އަދުގެ ހާލަތަށް ބަލައި އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް، ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.
އިލްމީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ޑރ. ޙަސަން ޙަމީދު އަމިއްލަ ބްލޮގުގައި ވިދާޅުވީ، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ބުނާ ފަރާތްތަކުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޚަރަދު ކުޑަވުން އެއް ފަހަރު މަދުވުން ނޫން ފައިދާއެއް ބަޔާންނުކުރާ ކަމަށެވެ.
ޑރ. ޙަސަން ފާހަގަކުރެއްވި ގޮތުގައި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ވަކި ބަޔަކަށް ފައިދާކުރާނެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން އިންތިޚާބުން ހޮވެނީ އަމިއްލަ، ނުވަތަ އެހެން ފަރާތްތަކުން ބޮޑެތި ޚަރަދުތައް ކޮށް ކެމްޕެއިން ކޮށްގެންކަން ޙަސަން ފާހަގަކުރެއްވިއެވެ.