އަގީދާތަކާ ގުޅޭ ކަންކަމުގައި، އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް ޝަހީމްގެ ނަސޭހަތެއް
ސަން
26 މާރިޗު 2026 | ބުރާސްފަތި | 11:11
އިސްލާމީ މަޒުހަބުތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ޝަހީމް އެފަދައިން ވިދާޅުވީ، އީރާނުގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ އިލްމުވެރީން ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ބަހުސްތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޝީއީ މުސްލިމުންގެ އާބާދީ ބޮޑު އީރާނުން އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބައެއް މީހުން ތާއިދުކުރާއިރު، އެ ގައުމުގެ މުސްލިމުންގެ ގަބޫލުކުރުންތަކާ ދެކޮޅަށް ބައެއް މީހުން ވާހަކަދައްކައިފައިވެއެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުންނީ، ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.