ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނަން: ރައީސް
ދަޕްރެސް
30 މޭ 2025 | ހުކުރު | 10:18
ރައްޔިތުންގެ ދިރިއުޅުމަށް އުފާފަގަތިކަން ގެނެސް، ގައުމުގެ ތަރައްގީއަށް ކަމެއްކޮށް ދިނުމުގެ ހަގީގީ މަންފާ ހާސިލް ވާނީ ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށާއި މި ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާގައި ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދައުވަތަކަށެވެ.
ރޭގެ ހަފްލާގެ އެންމެ ހާއްސަ އެއް ނަންބަރަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން ވޯލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ އެވޯޑެއް އެރުވުމެވެ. އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފާއިތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެއްވި މުހިންމު ކަންކަމާއި ދެން ކުރިއަށް ގެންދަވާނެ މުހިންމު މަޝްރޫއުތަކާއި، ސަރުކާރުގެ ސިއްހީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.