މަސްޖިދުއްނަބަވީގައި ނަމާދު ކުރެއްވުމަށް ރައީސްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންފި
ދަޕްރެސް
31 މޭ 2025 | ހޮނިހިރު | 9:39
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްުޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރެއްވުމަށް މަދީނާއަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެ ކަނބަލުން ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސައުދީގެ ގިނަ އޮފިޝަލުން ވަނީ ވަޑައިގެންފައެވެ. މަދީނާއަށް ރައީސްގެ ދެކަނބަލުން ވަޑައިގެންފައި މި ވަނީ ހައްޖުގެ އަޅުކަމުގެ ތެރެއިން މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރައްވައި ނަމާދު ކުރެއްވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރާއި މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.