ގުރުނެގުމަށްފަހު ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ފޯމު ނަންބަރާއި ލޮޓު ނަންބަރު އާންމުކޮށްފި
ދަޕްރެސް
2 ޖޫން 2025 | ހޯމަ | 7:19
މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ދޫކުރުމަށް ގުރުނެގުމަށްފަހު ގޯތި ލިބިފައިވާ މީހުންގެ ފޯމު ނަންބަރާއި ލޮޓު ނަންބަރު މިއަދު އާންމުކޮށްފިއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނީ ގުޅިފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގެ ދަށުން އައިސްފައިވާ ބަދަލާއެކު، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައުމާއި ގުޅިގެން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ގުރުއަތު ނަގާފައިވާކަމަށެވެ.
ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކޮށްފައި ވަނީ އޮގަސްޓް 24، 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް މި ސަރުކާރުން ވަނީ އޮކްޓޯބަރު 27، 2024 ގައި އާ ޕްލޭނެއް އެކުލަވާލާފައެވެ. އެ ޕްލޭނާ އެއްގޮތަށް ވަނީ އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ވެސް ނަގާފައެވެ. އެއާއެކު ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައި ވެއެވެ.