ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އަނެއްކާވެސް އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓައިފި
ދަޕްރެސް
3 ޖޫން 2025 | އަންގާރަ | 4:47
ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް، ހިފަހައްޓާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
އަކްރަމް ހިމެނޭހެން ހައުސިންގެ ކުރީގެ ބައެއް އިސްވެރިންގެ ޕާސްޕޯޓު ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެމީހުންގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރެއް ނެރެފައި ވަނީ ލިސްޓުގައި ނެތް ބަޔަކަށް 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދޫކުރި މައްސަލައާ ގުޅިގެންނެވެ.
އެ އަމުރު ބާތިލުކޮށްދިނުމަށް އެދި އަކްރަމް ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުގެ ރަޖިސްޓްރާ އެންމެ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ ނިންމުމުގައި ވަނީ އެއީ ދަށު ކޯޓުގައި ބަހުސްކޮށް މުރާޖައާ ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. ނަމަވެސް އަކްރަމްގެ ފަރާތުން ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްދިނުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ ބަލަން ނިންމި އެވެ.