އެމްޑީޕީން ބުނީ ގެދޮރުވެރިޔާ ސްކީމު ބޭނުންކޮށްގެން ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް
ދަޕްރެސް
3 ޖޫން 2025 | އަންގާރަ | 9:18
މިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވައިލުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިއަދު އެވެ.
އަކްރަމްގެ އިތުރުން ދެން ހިމެނެނީ ހައުސިން މިނިސްޓްރީގެ ކުރީގެ ދެ ސިނީއާ އެގްޒެކެޓިވް މުހައްމަދު އާރިފް އާއި ލިރުގާމް ވަހީދު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް އެވެ. މި ހަތަރު މީހުންނަށްވެސް ކުރަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.