ކިނބިދޫގައި އަލްހާ އީދަށް 9 ފޫޓާއި 3 ފޫޓުގެ ބޮޑު ކުނބުސް އެޅީ އުރީދޫއާ އެކު!

ދަޕްރެސް

9 ޖޫން 2025 | ހޯމަ | 5:14

އަލްހާ އީދު ކުލަ ގަދަކޮށް ފާހަގަ ކުރުމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުރަމުން އަންނަ ކަމެކެވެ. އެ ގޮތުން ތ. ކިނބިދޫގައި އީދު ފާހަގަކުރުމުގައި ސަގާފީ ކަމެއްގެ ގޮތުގައި މިހާރު ވެސް ހަދަމުން އަންނަ ބޮޑު ކުނބުސް ނަމަކަށް ކިޔާ ފޮނި ބޯކިބާ މިއަހަރު ތައްޔާރުކޮށްފައި މި ވަނީ އުރީދޫ މޯލްޑިވްސްއާ ގުޅިގެންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށުގެ ކައުންސިލުން ބުނީ، މިއަހަރު އީދަށް ބޮޑު ކުނބުސް ތައްޔާރުކޮށްފައި ވާ އިރު، އެ ކުނބުސްގެ ބޮޑު މިނުގައި 9 ފޫޓާއި 3 ފުޓޫ ހުންނާނެ ކަމަށެވެ. ރަށުގެ ކުޑަ ބޮޑު އެންމެން ފަދަ ގޮތަކަށް މި ބޯކިބާ ތައްޔާރު ކުރުމުގައި ބައިވެރިވެފައިވާ އިރު، ކުނބުސް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ގަބުޅި އާއި ދިޔާ ހަކުރާއި ފުށާ އެއްކޮށްގެން ތައްޔާރު ކުރާ މި ކުނބުސް ފިހަނީ ވަޅު އަންދައިގެންނެވެ. މި އަލްހާ އީދު ދިމާވެފައި މި ވަނީ ވިއްސާރަ ދުވަސްވަރަކާ ކަމުން ކިނބިދޫ ރައްޔިތުން ކުނބުސް މި ފަހަރު ތައްޔާރުކޮށްފައި ވަނީ އެ ރަށުގެ ކުރީގެ ސްޓޭޖެއްގެ ގޮތުގައި ބޭނުން ކުރި ސަރަހައްދުގައި، ކުނބުސް ފިހުމަށް ބޭނުންވާ ޖާގަ ހަދައި އެ ތަނުގައި ވަޅު ޖަހައިގެން ކަމަށް ކައުންސިލުން ބުނެއެވެ. މި ކުނބުސް ފިހުމަށް ވަޅުޖަހާފައިވާ ސަރަހައްދުގައި ވަޅު ގަނޑު އަންދަން 6 ގަޑި އިރު ނަގާ ކަމަށް ކައުންސިލުން ބުނެއެވެ.

މައުޟޫޢުތަށް