ސަނީ ސައިޑް އޮފް ލައިފްގެ ބްރޭންޑް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް، ބުނީ މިއީ ލިބުނު ޝަރަފެއް ކަމަށް
ދަޕްރެސް
10 ޖޫން 2025 | އަންގާރަ | 10:56
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޮލީވުޑް ސުޕަސްޓާ އަދި ލައިފްސްޓައިލް އައިކަން ކެޓްރީނާ ކައިފް ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރު ދިނުމަށް ހެދުނު ޕާޓްނާޝިޕެއް ކަމަށެވެ. މިކަމާ ގުޅިގެން ކެޓްރީނާ ވަނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއްކަމަށާއި ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
މީގެއިތުރުން ކެޓްރީނާ ވަނީ މި ޕާޓްނާޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުންކަމަށެވެ.