ފަރީދުގެ ދަރިފުޅަށް ފޮނުއްވި ފަހު މެސެޖަކީ ކާފަ ދަރިފުޅުގެ ފޮޓޯއަކަށް ދެއްވި ރިޕްލައި: ކާފަގެ ލޯބި!
ދަޕްރެސް
10 ޖޫން 2025 | އަންގާރަ | 5:00
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މަރުހޫމް ޝެއިހް އިބްރާހީމް ފަރީދު، އޭނާގެ ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ) އަށް ފޮނުއްވި ފަހު މެސެޖަކީ ކާފަ ދަރިފުޅުގެ ފޮޓޯއަކަށް ފޮނުއްވި ރިޕްލައި މެސެޖެވެ. އެ މެސެޖުގައި ލިޔުއްވާފައި ވަނީ "ما شاء الله تبارك الله ކާފަގެ ލޯބި..!" މިހެންނެވެ. ބައްޕަގެ ހަނދާން އާކޮށް އަބޯ ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އެއީ އޭނާގެ ބައްޕަގެ ފަހު މެސެޖް ކަމަށެވެ.
އެ މެސެޖް ފަރީދު ފޮނުއްވާފައި ވަނީ އަބޯ މި މަހުގެ 8 ވަނަ ދުވަހު ވައިބާ އިން އޭނާގެ ބައްޕައަށް ހިއްސާ ކުރި އޭނާގެ ދަރިފުޅުގެ ފޮޓޯއަކަށް ދެއްވި ރިޕްލައިއެއްގައެވެ. އެ ދުވަހުގެ 6:58 ގައި ފަރީދު ފޮނުއްވި މި މެސެޖަކީ އެންމެ ފަހުން އަބޯއަށް ލިބުނު އޭނާގެ ބައްޕަގެ މެސެޖެވެ.
އަބޯ ބުނީ، ހާލަތު ދިމާ ކުރިގޮތުން މިއަދު ބައްޕަ ވަކިވެގެން އެ ދިޔައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލާ ބޮސްދީ ހަދާލަން ފުރުސަތު ނުލިބި ކަމަށެވެ. ވިއްސާ ކޮޓަރިން އެ ތުއްްތު ދަރިފުޅު ނެރުނު ވަގުތު ބައްޕަ ހުންނެވީ އޭނާގެ ގާތުގައި ކަމަށާއި އެ ވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރު ކަމަށް އަބޯ ބުންޏެވެ.