އެފްއޭއެމްއިން ކްލަބްތަކަށް ދިން ފައިސާ ވެރިންގެ އެކައުންޓްތަކަށް، މައްސަލަ ބަލަނީ!
ދަޕްރެސް
10 ޖޫން 2025 | އަންގާރަ | 8:54
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާއަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
2023 އިން ފެށިގެން އެފްއޭއެމް އާއި ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކާއި ގުޅިގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމަށް ދައުވާތަކެއްކޮށްފައި ވާއިރު އެ މައްސަލައިގައި އިތުރު ދެ މީހަކަށާއި އަމީން ކޮންސްޓްރަކްޝަނަށް ވެސް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ން ވަނީ އެދިފައެވެ.
ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިއަދު ބުނީ ބައްސާމް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އޭނާ ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަވެސް ހިމެނޭ ކަމަށް ވެއެވެ.