ހައްޖުވެރިން ބަލައި އެއާޕޯޓަށް ދާ މީހުން މަދު ކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ދަޕްރެސް

11 ޖޫން 2025 | ބުދަ | 6:07

ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އަންނަ އިރު، އެމީހުން ބަލައި އެއާޕޯޓަށް ދާ މީހުން ވީހާ ވެސް މަދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވަނީ، ހައްޖުވެރިން ބަލައި އެއާޕޯޓަށް ދާ މީހުން މަދު ކުރުމަށާއި ހައްޖުން އެނބުރި އަންނަ މީހުން ވެސް ރޯގާ ޖެހިގެން އަންނަ ކަމަށް ވާ ނަމަ މާސްކު އަޅައިގެން އައުމަށް އިރުޝާދު ދެއްވާފައެވެ. ހައްޖުން އެނބުރި ރާއްޖެ އައިސް ވެސް 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހަމައެއާއެކު ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށާއި ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސް އެއްވުންތައް ނުބޭއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ރޯގާގެ އަލާމާތްތައް ހުރިނަމަ، މާސްކު އެޅި ނަމަވެސް މީހުންގެ ތެރެއަށް ނުނިކުތުމަށާއި، ކުދިންގެ ކިބައިގައި ރޯގާގެ އަލާމާތްތައް ފެންނަ ނަމަ ސްކޫލަށް ނުފޮނުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މައުޟޫޢުތަށް