އެމެރިކާގެ މަސްލަހަތަކަށް އީރާނުގެ ހަމަލާއެއް އަރައިފިއްޔާ ހަނގުރާމައަށް ވަންނާނަން: ޓްރަމްޕް

ދަޕްރެސް

16 ޖޫން 2025 | ހޯމަ | 9:55

އިޒްރޭލުން އީރާނުގެ އުމްރާނީ ވަސީލަތްތަކާއި އާންމު އިމާރާތްތަކަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާއިރު އީރާނުގެ ރައްދު ހަމަލާގައި އެމެރިކާގެ މަސްލަހަތަކަށް ހަމަލާ އަމާޒު ވެއްޖެ ނަމަ ހަނގުރާމައަށް އެމެރިކާ ވަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހިފެހެއްޓުމެއް ނެތް ތާއީދު އިޒްރޭލަށް ކުރައްވައި އަދި ބޮޑުވަޒީރު ބިބީ (ބެންޖަމިން ނަތަންޔާހޫ) އާ ގާތް ގުޅުމެއް ބާއްވަވާ އެމެރިކާގެ ރައީސް މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ނަތަންޔާހޫ ބުނެފައި ވަނީ، އީރާނަށް ހަމަލާ ދިނުމުގައި ޓްރަމްޕާ ސީދާ މަޝްވަރާތައް ކުރާ ކަމަށެވެ. އަދި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުމަށްޓަކައި ފަހިވާނެ ގޮތަށް ވާހަކަތައް ބައްޓަން ކުރަމުން ނަތަންޔާހޫ ބުނެފައި ވަނީ، ޓްރަމްޕަކީ އެފަދަ ދެވަނައެއް ނެތް ލީޑަރެއް ކަމަށާއި، އީރާނުން އުޅެނީ ޓްރަމްޕް އަވަހާރަ ކޮށްލަން ކަމަށެވެ. އަދި އިޒްރޭލާއި އެމެރިކާ ނައްތާލުމަކީ، އީރާނުގެ އެންމެ މަތީ މަސްލަހަތު ކަމަށް ބުނެވެސް އީރާނަކީ ނުރައްކާ ބައެއްގެ ގޮތުގައި ސިފަކޮށް ޓްރަމްޕަށް ވިސްނައިދޭން މަސައްކަތް ކޮށްފައި ވެއެވެ. މީގެ 30 އަހަރު ކުރިން ވެސް ކިޔަމުން ދާ ގޮތަށް އީރާނުން ނިއުކްލިއާ ހަރިޔާރު ހެދުމާ ހަމައަށް ގޮސްފައި ވާ ކަމަށާއި 10 ދުވަސް ދިނަސް ހަތިޔާރު އުފައްދާނެ ކަމަށް ބުނެވެސް ވާހަކަ ދައްކާފައި ވެއެވެ.

އީރާނާއި އިޒްރޭލާ ދެމެދު ބަދަލު ކުރާ ހަމަލާތަކުގައި، އީރާނުންވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، އިޒްރޭލުގެ ސީދާ މެދުތެރެ އަށާއި ބަނދަރުތަކަށް ވަރުގަދަ ހަމަލާ ދީ ގެއްލުންތަކެއް ދީފައި ވެއެވެ. އިޒްރޭލަށް ހަމަލާ ދިނުމަށް އީރާނުން ބޭނުން ކުރާ ޑްރޯންތަކާއި ކުދި މިސައިލްތަކާ ހިލާފަށް ބޭނުންކުރާ ބެލެސްޓިކް މިސައިލްތަކަކީ އަޑަށް ވުރެ 15 ގުނަ ބާރަށް ދަތުރުކުރާ ނުވަތަ ގަޑިއަކު 1800 ކިލޯމީޓަރުގެ ރާސްތާއެއް ލިބިފައި ވާ މިސައިލްތައް ކަމުން އެ މައިތިރި ކުރުމުގައި އިޒްރޭލު ވަނީ ނުކުޅެދިފައެވެ.

މައުޟޫޢުތަށް