ޔުމްނު ވެއްޓުން: ކޮމިޝަނުން މަސައްކަތް ނިންމާލައި ރައީސަށް ރިޕޯޓު އަރުވައިފި

ދަޕްރެސް

17 ޖޫން 2025 | އަންގާރަ | 12:27

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ މިނިވަން ތަހްގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޝަންގެ މަސައްކަތްތައް ނިންމައި އެމަނިކުފާނަށް ރިޕޯޓު މިއަދު އަރުވާފައިވާނެ ކަމަށް، ކޮމިޝަނުން ބުނެފިއެވެ.

އެ ހާދިސާ އާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހްގީގުގެ ސައްހަކަމާ މެދު އާންމުން ސުވާލު އުފައްދަމުން ދިޔަ ދަނޑިވަޅުގައި އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ރައީސް އުފެއްދެވި ކޮމިޝަނުން 'އެކްސް'ގައި މިއަދު ލިޔެފައިވާ ގޮތުގައި، ކޮމިޝަނާ ހަވާލުކުރި މަސައްކަތް ނިންމައި ކޮމިޝަންގެ ރިޕޯޓު ރައީސަށް މިއަދު އަރުވާފައިވާނެއެވެ. އެކަމަކު އެ ރިޕޯޓާ ގުޅޭ އެއްވެސް ތަފްސީލެއް ކޮމިޝަނުން އަދި ހާމަނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް އުފެއްދެވި ކޮމިޝަނުން ވަނީ، މި ހާދިސާ އާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް ކަމާބެހޭ ފަރާތްތަކާ ވެސް ބައްދަލުކޮށްފައެވެ. އަދި ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން މި ވަގުތު ބަންދުގައި ހުރި ރައުދު އަހްމަދު ޒިލާލާ ވެސް ކޮމިޝަނުން ސުވާލުކޮށްފައި ވެއެވެ.

މައުޟޫޢުތަށް