އެހެން ފަރާތަކުން ޔުމްނު ވައްޓާލީކަމަކަށް ނުބެލެވޭ، ބެލެވެނީ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް: ރިޔާސީ ކޮމިޝަން ރިޕޯޓު
ދަޕްރެސް
17 ޖޫން 2025 | އަންގާރަ | 6:16
މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި މިނިވަން ތަހްގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޝަންގެ މަސައްކަތްތައް ނިންމާ، އެ ރިޕޯޓު އާންމުކޮށްފިއެވެ.
އާންމުކޮށްފައިވާ ކޮމިޝަނުގެ ރިޕޯޓުގައިވާގޮތުން އެހެން ފަރާތަކުން ޔުމްނު ވައްޓާލީކަމަކަށް ނުބެލެވޭކަމަށާއި، ބޮޑަށް ބުރަވެވެނީ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު އަމިއްލައަށް ވެއްޓުނީ ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޔުމްނު ވެއްޓުނުކަމަށް ބެލެވޭ ވަގުތުގައި ރައުދު އަހުމަދު ފިޔަވާ އިތުރު ފަރާތެއް ހުރިކަން ސީސީޓީވީ ފުޓޭޖުންނާއި، ހެކިންގެ ހެކިބަހުގެ އިތުރުން ފޮރެންސިކް ރިޕޯޓުތަކުންވެސް ފެންނަން ނެތް ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ރައުދު ފިޔަވާ އިތުރު ފަރާތެއްގެ ބައިވެރިވުން އޮވެދާނެ ކަމަށް ނުބެލެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައެވެ.
އެއާއެކު މިކަމުގައި ރައުދުގެ ބައިވެރިވުމެއް އޮއެއްތޯ ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން އެ ތަނުގައި އެ ވަގުތު ދެމީހުން ހަރަކާތްތެރިވާ މަންޒަރު ފެންނަން ނެތް ކަމަށާއި، އެރޭ ކަންތައް ވީގޮތް ހަނދާނުގައި ނެތް ކަމަށް ރައުދު ބުނެފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. މިކަމުގައި ޔުމްނުގެ ބަހެއް ލިބިފައިނުވާކަމަށާއި ނަމަވެސް އެރޭ ރައުދުއާއި ޔުމްނު އާއި ބައްދަލުވި ހިސާބުން ހާދިސާ ހިނގި ވަގުތާއި ހަމައަށްވެސް އެ ދެމީހުންގެ ދެމެދު އެއްވެސް ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އުފެދިފައިނުވާ ކަމަށްވެސް އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.