ޔޯގާ ހަމަނުޖެހުން: ފަޒްލޫން، ނިޝާން އަދި އިސްމާއިލް ހިމެނޭހެން ބައެއް މީހުންނަށް ދައުވާނުކުރަން ނިންމައިފި
ދަޕްރެސް
17 ޖޫން 2025 | އަންގާރަ | 7:54
ޔޯގާ ދުވަސް ފާހަގަ ކުރުމަށް ޖޫން 21، 2022 ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލަައިގައި ދައުލަތުން އުފުލި ބައެއް ދައުވާތައް އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
މި މައްސަލާގައި ޕީޖީ އޮފީހުން ވަނީ ބައެއް ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން 18 މީހެއްގެ މައްޗަށް ދައުވާތަކެއްކޮށްފައެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދު އަދި ޝައިހް އާދަމް ނިޝާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ކޮށްފައިވާ ދައުވާތައް މުރާޖައާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވި ކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.