އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ނުކުރެވޭނެ: ސުޕްރީމް ކޯޓު
ދަޕްރެސް
18 ޖޫން 2025 | ބުދަ | 6:36
އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނިވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގޯސް ކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިފަދައިން އަމުރު ނެރެފައިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމާއެކު ސުުޕްރީމް ކޯޓުން އިއްވި ހުކުމުގައެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ވަނީ 15 ދުވަހަށް ބަންދު ކޮށްފައެވެ. އަދި ތަހުގީގީ އިދާރާތަކުން ހުށަހެޅި ހުށަހެޅުންތަކާއި ގުޅިގެންނާއި، ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭތީ، ފަހުން ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.