ބޭރުމަގުގައި ކާނިވަލުން ރާޅުގަނޑާ ހަމައަށް ނުގަވައިދުން ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވް ކުރަނީ

ދަޕްރެސް

19 ޖޫން 2025 | ބުރާސްފަތި | 2:30

ކާނިވާ ސަރަހައްދުން ފެށިގެން ރާޅުގަނޑު ސަރަހައްދާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯވްކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިތިގަސް މަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވް ކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް ޕާކްކޮށްފައި އުޅަނދު ދުއްވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ޓޯވް ކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އުޅަނދުތައް ޕާކް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކް ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ނަސޭހަތްތެރިވެފައި ވެއެވެ. އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުން ދެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝަކުރު އަދާކޮށްފައެވެ.

މައުޟޫޢުތަށް