ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ 43 މީހެއްގެ މައުލޫމާތު މެމްބަރު ގައުމުތަކަށް އަންގަން ނޯޓިސް ނެރެފި
ދަޕްރެސް
19 ޖޫން 2025 | ބުރާސްފަތި | 4:07
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން، "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު" އާންމުކޮށްފައިވާކަމަށާއި، މި ދަފްތަރުގައި ހިމެނޭ ފަރާތްތަކަކީ ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުން ކަމަށެވެ. މި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާކަމަށާއި، މީގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި 18 ބިދޭސީން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިންޓަޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.