ފޭކު ސްލިޕް ފޮނުވައި، 73،000އަށްވުރެ ގިނަ ރުފިޔާގެ މުދާ ގަތުމުން ޒައިދާން އަނެއްކާ ވެސް ހައްޔަރުކޮށްފި
ދަޕްރެސް
22 ޖޫން 2025 | އާދިއްތަ | 1:21
ފޭކު ސްލިޕް ފޮނުވައި، 73،000އަށްވުރެ ގިނަ ރުފިޔާގެ މުދާ ގަތް މައްސަލަތަކަކާ ގުޅިގެން ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) އަދި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ މެއި މަހުގެ އެކި ދުވަސް މަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލަ މެއި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގުގައި ބެލިބެލުމުން ޒައިދާން މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ 2 އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށާއި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.