ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ދަތުރުފަތުރަށާއި ޓޫރިޒަމަށް ކުރާ އަސަރުތައް އެބަ ބަލަން: އަމީން
ދަޕްރެސް
24 ޖޫން 2025 | އަންގާރަ | 9:38
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެކަމުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް ކުރާ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ކުރާ އަސަރު ސަރުކާރުން ގާތުން ބަލަމުންދާ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މީގެ 12 ދުވަހެއްހާ ކުރިން އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުން ތަކުގެ ތެރެއިން އެމެރިކާއިން އީރާނަށް ހަމަލާދިނެވެ. އެއާއެކު ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ހެނދުނުގެ ނިޔަލަށް ބަންދުކުރިއެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާގެ ބަދަލު ހިފަން މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް، ގަތަރުގެ އަލް އުދައިދަށް 19 މިސައިލް ހަމަލާއެއް އަމާޒު ކުރިއެވެ. ކުރު ރާސްތާ މިސައިލުން ދިން އެ ހަމަލާގެ ތެރެއިން 18 މިސައިލް ވައިގެ ތެރޭގައި ގޮއްވާލި އިރު ވެއްޓުނު ހަމައެކަނި މިސައިލުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.