އީރާން-އިޒްރޭލު: ރާއްޖެއަށް ދިމާވާނެ ދަތިތައް ދެނެގަނެ ފިޔަވަޅު އަޅަން ގޮވާލައިފި
ދަޕްރެސް
24 ޖޫން 2025 | އަންގާރަ | 10:27
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައި ވާތީ އެންމެ ފުރަތަމަ އަސަރުކުރަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، އާމްދަނީ އާއި ބޭރު ފައިސާ ލިބުން ދަތިވުން ފަދަ ހާލަތްތައް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.
ހަމަ އެހެންމެ، އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭހާއި ބޭހާއި ކާޑުގެ ބާވަތްތަކާއި ކުޑަކުދިންގެ ކާނާ ފަދަ އަސާސީ ތަކެތި ހުސްނުވެ ލިބެން ހުންނާނެ ކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، އެ ތަކެތީގެ ސްޓޮކް އެކަށީގެންވާ ވަރަށް ހުރިކަން އާންމުންނަށް ސާފުކޮށްދިނުމަކީ ވެސް ސަރުކާރުގެ ޒިންމާއެއް ކަމަށް، އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.