ހަނގުރާމައަށް ވުރެ، އިދިކޮޅު އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ފަލާހު ވިދާޅުވެއްޖެ
ދަޕްރެސް
24 ޖޫން 2025 | އަންގާރަ | 11:34
އީރާނާއި އިޒްރޭލާއި ދެމެދު ހިނގަމުންދާ ހަނގުރާމައަށް ވުރެ، އިދިކޮޅު އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.
އެ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމަށް ގެއްލުން ލިބޭނެކަން ފާހަގަކޮށްފައިވާކަމަށެވެ. ގައުމަށް ގެއްލުމެއް ދޭން އެމްޑީޕީން ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ވެސް އެ ޕާޓީން އިސްކުރީ ފަތުރުވެރިކަމަށް ގެއްލުން ދިނުމަށްކަން ފާހަގަކޮށް ފަލާހު ވިދާޅުވީ ހަނގުރާމައަށްވުރެ ވެސް އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށެވެ. އެގޮތުން އެމްޑީޕީން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޔޫރަޕްގެ ގައުމުތަކަށް، ރާއްޖެ ބޮއިކޮޓުކުރުމަށް ގޮވާލާފައިވާކަން ތާރިހުން ހެކިދޭކަމަށް ފަލާހު ވިދާޅުވިއެވެ.