ބައެއް އެސްއޯއީތަކުން މާލީ ބަޔާން ނުދޭތީ އޮޑިޓް ރިޕޯޓުތައް އެކުލަވާލައި ނުނިމޭ: އޮޑިޓަރު ޖެނެރަލްގެ އޮފީސް
ދަޕްރެސް
24 ޖޫން 2025 | އަންގާރަ | 12:57
މުއްދަތު އިތުރުކޮށްގެން ވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މާލީ ބަޔާންތައް ހުށަނާޅައިގެން އެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތައް އެކުލަވާލައި ނުނިމޭކަމަށް، އޮޑިޓަރު ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބުނެފިއެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ސަރުކާރު ހިއްސާވާ 29 ކުންފުނިތަކުގެ ތެރެއިން ރަމަޟާން މަހުގެ ފަހު 10 ދުވަހާ ގުޅިގެން އިތުރުކޮށްދިން މުއްދަތަށް ފަހު މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް މާލީ ބަޔާންތައް 16 ކުންފުންޏަކުން ދިން ކަމަށާއި، 13 ކުންފުންޏަކުން މާލީ ބަޔާން ނުދީ އޮތް ކަމަށެވެ.
ކުންފުނިތަކުން މާލީ ބަޔާން ނުދޭ މައްސަލައިގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑަށް ސިޓީ ފޮނުވައިގެން ވެސް އިތުރަށް ލިބުނީ އެންމެ ތިން ކުންފުނީގެ މާލީ ބަޔާން ކަމަށް، އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ. އެހެންކަމުން އަދިވެސް 10 ކުންފުންޏެއްގެ މާލީ ބަޔާން އެ އިދާރާއަށް ނުލިބެއެވެ.