އެސްއީޒެޑަށް 680 މިލިޔަން ޑޮލަރުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ޔަގީންކަން ލިބިފައިވޭ: ސައީދު
ދަޕްރެސް
1 ޖުލައި 2025 | އަންގާރަ | 10:05
ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ދިވެހިރާއްޖޭ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ކަހަލަ ނާޒުކު ދާއިރާއަކަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކެއް ހަދައި، އާ ދާއިރާތަކުން ބޮޑެތި އިންވެސްޓްމެންޓްތަކެއް ގެނެސް އިގްތިސާދު ފުޅާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
ސިންގަޕޫރުގައި ކުރިއަށްދާ ރާއްޖޭގެ ބިޒްނަސް ފޯރަމްގައި ސައީދު ވިދާޅުވީ އެސްއީޒެޑްގައި 1 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓް ގެނައުމަކީ އަމާޒެއްކަމަށެވެ. ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އިގްތިސާދީ ސިންދަފާތުކުރުމަކީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގައި މުހިއްމު ސިޔާސަތެއްކަން ފާހަގަކޮށް ސައީދު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުޅުވާލާފައިވާ ކަމަށެވެ.