ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި
ދަޕްރެސް
3 ޖުލައި 2025 | ބުރާސްފަތި | 11:58
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
ޝިޔާމްގެ މައްޗަށް ކޮށްފައި ވަނީ ސިފައިންގެ އެންމެ އިސް ޖެނެރަލްގެ ގޮތުގައި އޭނާ ހުންނެވިއިރު ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެސްޓްހައުސެއްގައި އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓައި، އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެހެންނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް އޮކްޓޫބަރު 1، 2024ގައި ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.