ކެލާ ފަޅުގައި ދެ ރިސޯޓް ތަރައްގީ ކުރަން ލުއިތަކަކާއެކު އަލުން އިއުލާންކުރަން ނިންމައިފި
ދަޕްރެސް
4 ޖުލައި 2025 | ހުކުރު | 7:17
ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކުރި އިއުލާން ބާތިލްކޮށް، ލުއިތަކަކާއެކު އަލުން އިއުލާން ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހުގައި ކެލާ ފަޅުގައި ދެ ރަށް ހިއްކައިގެން ރިސޯޓް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ އިރު، އެ އިއުލާނުގައި ބުނެފައި ވަނީ އެ ރަށުގެ ފަޅުން 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ރަށެއް ހިއްކައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު އެ އިއުލާން ވަނީ ބާތިލް ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތިގައި އެ އިއުލާން ބާތިލްކޮށްފައި ވަނީ މިހާތަނަށް ޓޫރިޒަމް ތަރައްގީވެފައި ނުވާ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ. އެގޮތުން މިހާތަނަށް ޓޫރިޒަމް ތަރައްގީ ނުވާ އަތޮޅުތަކުގެ ތެރޭގައި ހއ، ހދ، ށ، ތ، ލ އަދި އައްޑޫގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 24 މަހުގެ މުއްދަތަކަށް ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.