ހަނިމާދޫ އެއާޕޯޓަށް އެންމެ ފައިދާ ހުރި ގޮތަކީ ބީލަމުގެ އުސޫލުން ހިންގާނެ ބަޔަކު ހޯދުން: ނަޝީދު
ދަޕްރެސް
6 ޖުލައި 2025 | އާދިއްތަ | 10:07
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ފައިދާ ހުރި ގޮތަކީ ބީލަމުގެ އުސޫލުން އެތަން ހިންގާނެ ބަޔަކު ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުގައި، ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވާފައި ވަނިކޮށެވެ. ޔާމީންގެ މިތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މުހައްމަދު ސައީދު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ވިދާޅުވެފައެވެ.
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫކަމަށްވާއިރު ނަޝީދު ވިދާޅުވީ އެންމެ ބުއްދިވެރި ގޮތަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާނެ ބަޔަކު ބީލަމުގެ އުސޫލުން ހޯދުން ކަމަށާއި، އެއާލައިނަކުން އެތަން ހިންގައިފިނަމަ، ލިބޭނެ ފައިދާ ބޮޑުވެދާނެކަމަށެވެ.