ކޮރަޕްޝަން މަދު ކުރަން އެސްއޯއީތަކުގައި ހަރުދަނާ ޕްރޮކިއުމަންޓް އުސޫލެއް ކަނޑައަޅަން ޖެހޭ: އޭސީސީ

ދަޕްރެސް

6 ޖުލައި 2025 | އާދިއްތަ | 12:29

ކޮރަޕްޝަން މަދު ކުރުމަށް ހުރިހާ އެސްއޯއީތަކެއްގައި ވެސް ހަރުދަނާ ޕްރޮކިއުމަންޓް އުސޫލެއް އެކުލަވާލައި އުސޫލާ އެއްގޮތަށް އަމަލު ނުކުރާނަމަ އަޅާނެ ފިޔަވަޅު ކަނޑައަޅައި އެއާ އެއްގޮތަށް އަމަލުކުރުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައި ވަނީ، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓާއ،ި ރެކްރޫޓްމަންޓް އަދި ސީއެސްއާރްގެ ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި އެ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ހިރާސްތައް ދެނެގަނެ، ފާހަގަވާ ކަންކަމުގެ މައްޗަށް އިސްލާހުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް އިރުޝާދާއި ލަފާ ދިނުމަށް ތައްޔާރުކޮށްފައިވާ ދިރާސާގައެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެކުލަވާލައި އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ކަންކަން ހިންގާ ސިޔާސީ މަންފާ ހޯދުމުގެ ގޮތުން ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އަދި މެންޑޭޓުގެ ބޭރުން ގޮތްތައް ނިންމުމުގެ ފުރުސަތު އޮތުމަކީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތަކެކެވެ. އެގޮތުން ރާއްޖޭގައި ހިންގުނު ބޮޑެތި ބައެއް ހިޔާނާތްތައް ވެސް ހިންގާފައި ވަނީ ކުންފުނިތަކާއި ދައުލަތުގެ މުވައްޒަފުން ގުޅިގެން ކަމަށް އޭސީސީން ބުނެއެވެ. އެ ކޮމިޝަނުން ހިންގި ބައެއް ތަހުގީގުތަކަށް ބަލާއިރު، ކުންފުނިތަކުގެ އިންޓާނަލް އޮޑިޓިން ނިޒާމެއް ނެތުމުގެ މައްސަލަތަކާއި ކޯޕަރޭޓް ގަވަނެންސް އުސޫލަށް ތަބާނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ކުންފުނިތަކުގެ މާލީ ކަންކަން ހިންގާ ގޮތުގެ ސަބަބުން ދިމާވާ ގެއްލުންތަކާއި އަދި ވަކިން ހާއްސަކޮށް ޕްރޮކިއުމަންޓްގެ މައްސަލަތަކާއި ސިޔާސީ ބޭނުމަށް ވަޒީފާއަށް މީހުން ވެއްދުމުގެ ތަފާތު އެކި މައްސަލަތައް ފެނިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މައުޟޫޢުތަށް