އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވުން: ގެއްލުންތަކާއި ގުޅިގެން ރައީސްގެ ހަމްދަރުދީ ޓްރަމްޕަށް
ދަޕްރެސް
6 ޖުލައި 2025 | އާދިއްތަ | 10:22
އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ އެތައް ބައެއްގެ ފުރާނަ ގެއްލި، ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ.
އެގޮތުން ރައީސް ވަނީ މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ.
އެއާއެކު ރައީސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެން މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް އަވަސް ފުރުސަތެއްގައި ކުރީގެ ދިރިއުޅުމަށް ވާސިލުވެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.