ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންނާއެކު ހަދާ އާ އެއްބަސްވުންތަކަށް ބަދަލު ގެނައީ ގަނޫނާ ފުށޫ އަރާތީ: މުއްތަލިބް
ދަޕްރެސް
7 ޖުލައި 2025 | ހޯމަ | 11:15
ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ހަދާ އެއްބަސްވުމަށް ބަދަލު ގެނެވުނީ ގާނޫނާ ފުށޫ ނާރާ ގޮތަށް އެއްބަސްވުންތައް ތައްޔާރު ކުރަން ޖެހޭތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މުއްތަލިބް ވިދާޅުވީ، ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ގާނޫނަށް ފުށު ނާރާ ގޮތަށް ބިންވެރިޔާ ސްކީމްގެ އެއްވެސްވުންތައް ހަދަން ޖެހޭތީ ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް، ނުވަތައެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައި ނުވާ ދިވެހި ރައްޔިތަކަށެވެ. ނަމަވެސް މިފަދަ ތަނެއް ލިބިފައިވާ ފަރާތެއް ނަމަ އެމީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ލިބިފައިވާ ބައެއް، ނުވަތަ ގޯއްޗެއް، ނުވަތަ ފްލެޓެއް ދޫކޮށްލުމުން ކަމަށެވެ.