މަންދީއާ ދެކޮޅަށް ސާޖިދާ ހުށަހެޅުއްވި މައްސަލަ ބަލަން ނިންމުމުން އެމްޑީޕީން ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ދަޕްރެސް
8 ޖުލައި 2025 | އަންގާރަ | 2:02
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކެވި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލަ ބަލަން ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އެމްޑީޕީން އިސްތިއުނާފް ކޮށްފިއެވެ.
ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގައެވެ. ނަމަވެސް އަދި މި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ވަކި ގޮތެއް އެ ކޯޓުން އަދި ނުނިންމައެވެ.
މިދިޔަ ރަމްޟާން މަހުގެ ތެރޭގައި ސިލްސިލާކޮށް މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ. މި ކަމާ ގުޅިގެން ރައީސްގެ އާއިލާއިން ވަނީ މި މައްސަލަގައި ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.