ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި، މިއީ 49 މިލިއަންގެ މަޝްރޫއެއް
ދަޕްރެސް
9 ޖުލައި 2025 | ބުދަ | 4:36
ނ. ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނެފައިވަނީ 504 މީހުންގެ އާބާދީއެއް އުޅޭ ފޮއްދޫގައި ތަރައްގީ ކުރާ މި މަޝްރޫއުގެ ދަށުން 30،648 ކިއުބިކް މީޓަރުގެ ސަރަހެއްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއ،ި 3,990 ކިއުބިކްމީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ އިތުރުން 145 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އަދި 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއެކު 130 މީޓަރުގެ އެއްގަމު ތޮއްޓާއި، 125 މީޓަރު ދިގު ޖެޓީއެއްގެ އިތުރުން 600 އަކަމީޓަރުގެ ޕޭވްމަންޓަކާއި، ނެރު ބައްތި އަދި ބަނދަރު ބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.