އައިސްޕްލާންޓް ކޮރަޕްޝަން: ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާކޮށްފި
ދަޕްރެސް
12 ޖުލައި 2025 | ހޮނިހިރު | 9:34
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދުގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެދިފައިވެއެވެ.
ސައީދު އަދި މުހައްމަދު މަސްއޫދުގެ މައްޗަށް އޭސީސީއިން ވަނީ 2 ދައުވާއެއް ކޮށްދިނުމަށް އެދިފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.