ޔުމްނު ވެއްޓުނު ހާދިސާ: ރައީސް އުފެއްދެވި ކޮމިޝަން އުވާލައްވައިފި

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 9:03

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި މިނިވަން ތަހްގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޝަން އުވާލައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޝަން އުވާލައްވާފައިވަނީ އެކަމަށްޓަކައި ނެރުއްވި ގަރާރަކުންނެވެ. މި ކޮމިޝަން އުފައްދާފައިވަނީ އޭޕްރީލް 27 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ބުނީ މި ކޮމިޝަން އުފެއްދުމުގެ ބޭނުމަކީ ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން މިނިވަން މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުން ކަމަށާއި، ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތައް ބެލުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އަދުލުވެރިކަމާއެކީ ކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުކޮށް އެ ކޮމިޝަނުން ތަހުގީގު ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އާންމުކޮށްފައިވާ ކޮމިޝަނުގެ ރިޕޯޓުގައިވާގޮތުން އެހެން ފަރާތަކުން ޔުމްނު ވައްޓާލީކަމަކަށް ނުބެލެވޭކަމަށާއި، ބޮޑަށް ބުރަވެވެނީ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު އަމިއްލައަށް ވެއްޓުނީ ކަމަށް ބަޔާންކޮށްފައިވެއެވެ.

މައުޟޫޢުތަށް