ފަތުރުވެރިކަމުގެ އަމާޒުގެ 51 ޕަސެންޓް ހާސިލްވެ، 1.18 މިލިއަން ފަތުރުވެރިން އަތުވެއްޖެ
ދަޕްރެސް
14 ޖުލައި 2025 | ހޯމަ | 2:28
މި އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.18 މިލިއަނަށް އަރާފައިވާ އިރު މިއަހަރު ތެރޭ ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރި އަދަދުގެ 51.5 ޕަސެންޓް ހާސިލްވެއްޖެއެވެ.
ރާއްޖޭގެ އިގްތިސޯދު ބަރޯސާ ވެފައިވާ އެއް ސިނާއަތަކީ ފަތުރުކަމުގެ ސިނާއަތަށް ވާއިރު، ސަރުކާރުގެ ފަރާތުން ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިމިދިޔަ އަހަރު 2.05 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.3 މިލިއަންނަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، އިއްޔެ އާ ހަމައަށް ރާއްޖެއަށް މިވަނީ 1،184،400 ފަތުރުވެރިން އައިސްފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލް ވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ 190 ދުވަސް ތެރޭ ހާސިލްވި ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ މުއްދަތުގައި މި ވަނީ އަމާޒަށް ވާސިލް ވުމަށް 50 ޕަސެންޓް ހާސިލްވެފައެވެ.