އޯޓިޒަމް ކުދިންނަށް މިކުންފުނީގެ ދޮރު ވަނީ ހުޅުވާލެވިފައި، ގޮވާލި ކޮންމެ ކަމަކަށް އިޖާބަދޭނަން: އެމްއޭސީއެލް

ދަޕްރެސް

17 ޖުލައި 2025 | ބުރާސްފަތި | 7:18

އޯޓިޒަމް ކުދިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދޮރު ވަނީ ހުޅުވާލެވިފައި ކަމަށާއި ގޮވާލި ކޮންމެ ކަމަކަށް އިޖާބަދެއްވާނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށްޓަކައި ބާއްވަމުން އަންނަ "އާޓް އޮފް މައިންޑް"ގެ މި އަހަރުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޝަރީފު ވިދާޅުވީ އޯޓިޒަމް ކުދިންނަށް ހުރިހާ ދާއިރާއަކުން އެހީވުމަށް އެމްއޭސީއެލް އޮތީ ތައްޔާރަށް ކަމަށާއި، އެމްއޭސީއެލްގެ ވިސްނުމަކީ އޯޓިޒަމް ފަދަ ކުދިންނަށް އެ ކުންފުނީގެ ދޮރު ތަންމިނަށް ހުޅުވާލާފައި ބޭއްވުން ކަމަށެވެ.

ޝަރީފު ވިދާޅުވީ އޯޓިޒަމް ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 2010 ވަނަ އަހަރުން ފެށިގެން އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، މިއީ ގައުމީ އަދި ފަރުދީ މަސައްކަތެއް އެކަނި ނޫން ކަމަށެވެ. ޝަރީފު އިތުރަށް ވިދާޅުވީ ތަފާތު ނުކުޅެންތެރިކަން ހުންނަ ފަރާތްތަކަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުން އަންނަ ކަމަށާއި، އޯޓިޒަމް ކުދިންނަށް ތަފާތު ދާއިރާތަކުން މީގެ ކުރިންވެސް ވަނީ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.

މައުޟޫޢުތަށް