ރައްޔިތުންނަށް މަންފާ ވާ ތަނަކަށް އާ ޓާމިނަލް ހެއްދެވީ ރައީސް މުއިއްޒު: ޝަރީފް
ދަޕްރެސް
18 ޖުލައި 2025 | ހުކުރު | 9:57
ރައްޔިތުންނަށާއި ގައުމަށް މަންފާ ކުރުވަނިވި ތަނަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހައްދަވައި ދެއްވި މޭސްތިރިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް" ގެ ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައްޔިތުންނަށާއި ގައުމަށް މަންފާކުރުވަނިވި ތަނަކަށް އެ ޓާމިނަލް ހަދައިދިން މޭސްތިރިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިވަގުތު މިތަނާ ހަވާލުވެ ހުންނެވި މީހެއްގެ ހައިސިއްޔަތުން މިކަން ކާމިޔާބު ވުމުން ރާއްޖޭގެ އިގްތިސޯދަށް، ރައްޔިތުންނަށް ލިބޭނެ އެތައް ފައިދާއެއް ލިބޭނެ ކަމަށާއި އެކަމާ މެދު ވިސްނާލުމުން ވާ އިހްސާސަކީ ލޮލުން ކަރުނަ އަންނަހާ ފޮނި އިހުސާސެއް ކަަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އޭނާގެ ހަޔާތުގައި އެންމެ އުފާވީ ފުރަތަމަ ދަރިފުޅު ލިބުނު ދުވަހު ކަމަށާއި ދެވަނައަށް އެންމެ އުފާ ވާނެ ދުވަހަކީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވޭ ދުވަސް ކަމަށް ޝަރީފް ވިދާޅުވިއެވެ.