4000 ފްލެޓުގެ މަހު ކުލި 10އެއްގެ ކުރިން ދައްކާނަމަ 100 ޕަސެންޓު ސަބްސިޑީގެ މަންފާ
ދަޕްރެސް
21 ޖުލައި 2025 | ހޯމަ | 9:04
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިންގް ޔުނިޓު ލިބޭ ފަރާތްތަކުން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާނަމަ 100 ޕަސެންޓު ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކުގެ މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓާ ގުޅޭ ކަންކަން ސާފު ކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފްޑީސީން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ތެރެއިން، އާންމު ރައްޔިތުންނަށް އޮޅުންއަރާގޮތަށް ބައެއް މައުލޫމާތުތައް ދައުރުވަމުންދާ ކަމަށެވެ.
އެހެންކަމުން އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރަމުން އެ ކޯޕަރޭޝަނުން ބުނީ، 4000 ހައުސިންގް ޔުނިޓުގެ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާއި އެއްގޮވާގޮތުގެމަތިން އެކުލަވާލެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހުކުއްޔާއި މެއިންޓެނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، އެ ފަރާތަކަށް 100 އިންސައްތައިގެ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް އެފްޑީސީން ބުނެފައިވެ އެވެ.