ކޭ-ޕާކް މައްސަލައިގައި ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް ގެދޮރުވެރިކަމުގެ ކޮމިޓީއަށް ފޮނުވައިފި
ދަޕްރެސް
22 ޖުލައި 2025 | އަންގާރަ | 3:42
ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިން މަޝްރޫއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިޔުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް ފާސްކޮށްފިއެވެ.
އަމިއްލަ ކުންފުންޏަކުން ފެށި ކޭ-ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓް ގަތުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށް ގިނަ އަދަދެއްގެ ބަޔަކު ޑައުންޕޭމަންޓް ދައްކައި އަދި ބައެއް މީހުން ފްލެޓްގެ ޖުމްލަ އަގު ދެއްކި ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުނިމި އަހަރުތަކެއް ފާއިތުވެގެން ދިއުމާއި ގުޅިގެން މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަތުމަށް 61 މެންބަރުން ވޯޓު ދެއްވިއިރު، މި ގަރާރު ދިރާސާ ކުރުމަށް ގެދޮރުވެރިކަމުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.