ގެއްލިގެން ހޯދަމުންދާ ޔާމީން ސިނަމާލެ ބްރިޖުން ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ވަނީ ފެނިފައި: ޕޮލިސް
ދަޕްރެސް
22 ޖުލައި 2025 | އަންގާރަ | 6:28
މާލެއިން ގެއްލިގެން ހޯދަމުން އަންނަ 30 އަހަރުގެ ހަސަން ޔާމީން ސިނަމާލެ ބްރިޖުން ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގެ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަފަހުން އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ އިދާރާއަށް މައްސަލަ ހުށަހެޅުމާއެކު ޔާމީން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 03:24 އެހާކަންހާއިރު ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށާއި، މި މައުލޫމާތު އާއިލާއާއި ހިއްސާކޮށް އާއިލާއާއި ގާތުން ތަހުގީގު ޓީމު މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.