ފޮއްދިއްޕަރުފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭ ގޮތަށް ހަމަޖައްސާނަން: މުއިއްޒު
ދަޕްރެސް
23 ޖުލައި 2025 | ބުދަ | 2:31
ނ. ފޮއްދޫ ކައިރީގައި ހިމާޔަތްކޮށްފައި އޮންނަ ފޮއްދިއްޕަރުފަޅުގެ ނަފާ އެ ރަށުގެ ކައުންސިލަށް ލިބޭނެ ގޮތަށް ކަންކަން ހަމަޖެއްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
ނ. ފޮއްދޫގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމަންޓުން ހިމާޔަތްކޮށްފައިވާ މުހިންމު ތަނަކަށް ވާތީ، މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ހަދާ މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން އެފަޅު ބަލަހައްޓާ އަދި އެފަޅުން ކައުންސިލަށް އާމްދަނީ ލިބޭނެ ނިޒާމެއް އެގްރިމަންޓެއްގެ ދަށުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.