އެއާޕޯޓު ޓެކްސީ ކިއު ބާރު ބޮޑުވެ ދަތުރަކަށް 300ރ. ނަގާ މައްސަލަ، އާންމުންގެ ކަންބޮޑުވުމާއި ޝަކުވާ!
ދަޕްރެސް
25 ޖުލައި 2025 | ހުކުރު | 12:18
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފުލޯ އަށް ގެނައި ބަދަލުތަކާއެކު ދަތުރުކުރާ ޓެކްސީތައް މަޑު ކުރަންޖެހޭ ކިއު ދިގުވެ، އާންމުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރީތައް ވުމަށްޓަކައި ވީއައިއޭގެ ކާރު ކިއު އަށާއި ޑޮމެސްޓިކް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލު ގެނެސްފައި ވަނީ މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ.
އެމްއޭސީއެލްއިން ގެނައި މި ބަދަލު ތަކާއެކު ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިން ދާ ކާރުތައް މަޑުކުރަން ޖެހެނީ އިންޓަނޭޝަނަލް ޓާމިނަލަށް ދާ ކާރުތައް މަޑުކުރަން ހާއްސަކޮށްފައިވާ ސަރަހައްދުގައެވެ. އަދި ހަމަ އެހެންމެ ހުޅުލޭގައި އޮންނަ ކާރު ކިއުވެސް، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ވަނީ ބަދަލުކޮށްފައެވެ.