ރާއްޖެއަށް އެހީ ބޭނުންޖެހޭ ކޮންމެ ދަނޑިވަަޅަކު އެންމެ ފުރަތަމަ އެހީވާނެ ގައުމަކީ އިންޑިއާ: މޯދީ
ދަޕްރެސް
25 ޖުލައި 2025 | ހުކުރު | 7:32
ރާއްޖެއަށް އެހީތެރިކަން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށް ދޭނެ އެންމެ ފުރަތަމަ ގައުމަކަށް ވަނީ އިންޑިއާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ބަޔާނުގައެވެ. ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ދެއްވި ދައުވަތަށް ޝުކުރު އަދާކުރައްވައި މިނިވަން ދުވަހުގެ ތަހުނިޔާ ސަރުކާރާއި ދިވެހި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ.
މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްވެފައި އޮންނަތާ 60 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދެ ގައުމުގެ ގުޅުމަކީ އެއަށްވުރެ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގާތް ގައުމު ކަމަށާއި އިންޑިއާ ސަރުކާރުން ގެންގުޅޭ "ނެއިބާހުޑް ފަސްޓް" ޕޮލިސީއާއި "މަހާސާގަރު" ތަސައްވުރުގައި ވެސް ރާއްޖެއަކީ މުހިންމި ހިއްސާއެއް ކަމަށް މޯދީ ވިދާޅުވިއެވެ.